އައްޑޫސިޓީ ކައުންސިލްގެ އިދާރާއާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް ގުޅިގެން ޖީއެސް ލެވެލް، އެމްއެސް ލެވެލް-1 އަދި އެމްއެސް ލެވެލް-2 ގެ ބައެއް މުވައްޒަފުންނަށް އަމާޒުކޮށްގެން 'މޯޓިވޭޝަން' ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ. 27 މުވައްޒަފަކު ހިމަނައިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ ކަންތައްތައް ހައްލުކުރުމުގައި އެކަކު އަނެކަކަށް އެހީވުގެ މުހިއްމުކަމާއި ދިމާވާ ކަންކަމާއި ކުރިމަތިލުމުގައި ގެންގުޅެންވީ ރަނގަޅު ގޮތްތައްވަނީ ދަސްކޮށްދެއްވާފައެވެ. މި ތަމްރީން ޕްރޮގްރާމުގައި އުނގަންނައިދެއްވެވީ ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރ އާފިޔާ އަބްދުލް ހާދީއެވެ.
މުވައްޒަފުންގެ ކުރިއެރުމާއި މަސައްކަތުގެ ހުނަރު އިތުރު ކުރުމުގެ ގޮތުން ކައުންސިލް އިދާރާއިން މިއަހަރު ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ވަނީ ރާވާފައެވެ. އަދި ފާއިތުވި އަހަރުތަކުގައިވެސް ކައުންސިލް އިދާރާއިން ވަނީ މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގާފައެވެ.