އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ހޯދުމުގެ ގޮތުން ގައުކެނޑި ކޯޒްވޭ ސަރަހައްދުގައި ހަދާފައިވާ ޗެކްޕޯސްޓް މަރާތުކޮށް އަލުން ބޭނުންކުރުމަށް މިއަދު ނިންމައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ފުލުހުންނާއެކު ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ދެފަރާތުން ގުޅިގެން ޗެކްޕޯސްޓް މަރާމާތުކޮށް ބޭނުންކުރުމަށް ކުރަންޖެހޭ ކަންތައްތަކާމެދު މަޝްވަރާ ވަނީ ކުރައްވާފައެވެ.
ގައުކެނޑި ކޯޒްވޭ ސަރަހައްދަކީ އާންމުން ގިނައިން އެއްވެއުޅޭ ސަރަހައްދަކަށްވެފައި މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ އެދެވިގެންވާ ގޮތެއްގައި ބެލެއްޓުމަށްޓަކައި ޗެކްޕޯސްޓްގެ ބޭނުން ހިފުމަށްވެސް މިބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ. ވަކިން ޚާއްސަކޮށް ރޯދަމަހާއި ކައިރިކޮށް އެސަރަހައްދަށް ޕިކްނިކް ގޮސް އުޅުމުގައި ނުރައްކާތެރި ހާދިސާތައް މީގެކުރިން މެދުވެރިވެފައިވާތީ އެސަރަހައްދުގައި ފުލުހުންގެ ޗެކްޕޯސްޓެއް ހުރުމުގެ މުހިއްމުކަމާމެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް ވަނީ ނިންމާފައެވެ.
2010 ވަނަ އަހަރު ޤާއިމް ކުރެވުނު މިޗެކްޕޯސްޓް ފަހުން ބޭނުންނުކުރެވި ގިނަ ދުވަސްތަކެއްވެފައިވުމާއެކު މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.