އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލަރުން ހުވައިކުރެއްވުމުގެ ދަރުބާރު ޖޫން 3 ވަނަ ދުވަހުގެ ރޭ

25 މޭއި 2017     6 years ago


އައްޑޫސިޓީ ކައުންސިލަރުން ހުވައިކުރެއްވުމުގެ ދަރުބާރު ޖޫން 3 ވަނަ ދުވަހުގެ ރޭ

އައްޑޫސިޓީގެ 3 ވަނަ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުން މިއަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ރޭ 9:45 ގައި އޮންނާނެއެވެ. މި ދަރުބާރު ބޭއްވުމަށް ކައުންސިލުން ނިންމަވާފައިވަނީ ޝަރަފުއްދީން ސްކޫލްގައެވެ.

މިދަރުބާރަށް ސަރުކާރުގެ އޮފީސްތަކުގެ އިސްވެރިންނަށާއި އެކިއެކި މުއައްސަސާތަކުގެ ވެރިންނަށާއި އާއްމުންނަށް ދައުވަތު އެރުވުމަށް ހަމަޖެހިފައިވެއެވެ.

އާ ކައުންސިލަރުން ހުވައިކުރެއްވުމަށްފަހު ހުވައިގެ އިޤްރާރުގައި ސޮއި ކުރައްވާނެއެވެ. މިދަރުބާރަށްފަހު ބޭއްވޭ ކައުންސިލްގެ މި ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުޅުން ހޮވުން އޮންނާނެއެވެ. މި ބައްދަލުވުން ބޭއްވުމަށް ނިންމަވާފައިވަނީވެސް ޝަރަފުއްދީން ސްކޫލްގައެވެ.

އައްޑޫސިޓީގެ 3 ވަނަ ސިޓީ ކައުންސިލަށް 7 ބޭފުޅަކު ހޮވިވަޑައިގެންނެވިއިރު މިއީ ފުރަތަމަ ފަހަރަށް މި ކައުންސިލަށް އަންހެން ބޭފުޅަކު ހޮވިވަޑައިގެންނެވި ފަހަރެވެ. މީގެ ކުރިން ކައުންސިލްގައި ތިއްބަވަނީ 6 ބޭފުޅުންނެވެ. އެއީ ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، މަރަދޫ  ދާއިރާ، ފޭދޫ ދާއިރާ އަދި ހުޅުމީދޫ ދާއިރާގެ މެމްބަރުންނެވެ. ނަމަވެސް މިފަހަރު ހުޅުދޫ އަދި މީދޫ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ދެ ކައުންސިލަރުންވަނީ އިންތިޚާބުވެފައެވެ.