އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އާ ކައުންސިލަރުންގެ ހުވައިކުރުމާއި ދައުރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

4 ޖޫން 2017     6 years ago


އާ ކައުންސިލަރުންގެ ހުވައިކުރުމާއި ދައުރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އައްޑޫސިޓީގެ 3 ވަނަ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުމުގެ ދަރުބާރު ރޭ ބާއްވައިފިއެވެ. މި ދަރުބާރަށް ފަހު މި ދައުރުގެ ފުރަތަމަ ރަސްމީ ބައްދަލުވުންވެސް ރޭ ޝަރަފުއްދީން ސްކޫލްގައި ވަނީ ބާއްވާފައެވެ.

ހުވައިކުރެއްވުމުގެ ދަރުބާރު ފެށުނީ ޞަލަވާތުގެ ބަރަކާތުންނެވެ. ސަލަވާތަށް ފަހު އައްޑޫސިޓީ ކައުންސިލަށް މިފަހަރު ހޮވިވަޑައިގަތް 7 ކައުންސިލަރުން މަޤާމުގެ ހުވައިކޮށް އިޤްރާރުގައި ސޮއިކުރެއްވެވިއެވެ. އިންތިޚާބީ ކައުންސިލަރުންނަށް ހުވައިލައިދެއްވެވީ ސ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، އަލްއުސްތާޒް މުޙައްމަދު ޙާޝިމްއެވެ.

ހުވައިކުރެއްވުމުގެ ދަރުބާރަށްފަހު ބޭއްވި ކައުންސިލްގެ ރަސްމީ ފުރަތަމަ ބައްދަލުވުމުގައި އޮތީ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަގަމަށް ބޭފުޅުން ހޮވުމެވެ. އާ ކައުންސިލްގެ މޭޔަރަކަށް އަބްދުﷲ ޞާދިޤް ހޮވިވަޑައިގެންނެވިއިރު ޑެޕިއުޓީ މޭޔަރަކަށް ހޮވިވަޑައިގަތީ މުޙައްމަދު ޔަސްރިފެވެ. މިއީ މޭޔަރ ކަމަށް އަބްދުﷲ ޞާދިޤް ހޮވިވަޑައިގަތް 3 ވަނަ ފަހަރެވެ.

ކައުންސިލަރުން ހުވައިކުރުމުގެ ދަރުބާރާއި އާ ދައުރުގެ ފުރަތަމަ ކައުންސިލްގެ ބައްދަލުވުން ފޭސްބުކް ލައިވް މެދުވެރިކޮށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މީޑިއާ ޓީމުން ވަނީ ވަގުތުން އާއްމުންނާ ހަމައަށް ގެނެސްދީފައެވެ.