އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަނާއި ކައުންސިލުން ބައްދަލުކޮށްފި

30 ޖުލައި 2017     3 years ago


މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަނާއި ކައުންސިލުން ބައްދަލުކޮށްފި

މޯލްޑިވްސް އިންޓަގްރޭޓެޑް ޓުރިޒަމް ކޯޕަރޭޝަން(އެމް.އައި.ޓީ.ޑީ.ސީ) އާއެކު މިއަދު ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެމް.އައި.ޓީ.ޑީ.ސީ ގެ އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ މޭޔަރ ޢަބްދުﷲ ސާދިޤާއި، ކައުންސިލަރ އަލީފަހުމީ އަޙުމަދާއި، ކައުންސިލަރ ޙުސައިން ހިޔާޒާއި، ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަނެވެ. އެމް.އައި.ޓީ.ޑީ.ސީ ގެ ފަރާތުން ބައިވެރިވެޑައިގެންނެވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދެވެ.

މިބައްދަލުވުމަކީ އެމް.އައި.ޓީ.ޑީ.ސީ އިން ކުރިޔަށް ގެންދާ އައްޑޫ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްގެ މަސައްކަތް ރޭވިފައިވާގޮތާއި ޕްރޮޖެކްޓާއި ގުޅޭ ކަންކަމުގައި ކައުންސިލުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި މަޝްރޫޢު ކާމިޔާބު މަޝްރޫޢަކަށް ހެދުމަށް އައްޑޫސިޓީ އިޝްތިހާރު ކުރުމަށް ތަކެތި ތައްޔާރު ކުރުމާއި، ޑޮކިއުމެންޓަރީތައް ހެދުމާއި، އެކިއެކި ފެއަރތަކުގައި ބައިވެރިވުމާއި، ފަންނީ މީހުން ބިނާކުރުމާއި އިންވެސްޓަރުންނަށް މަޢުލޫމާތު ހިއްސާކުރުމަށް ފޯރަމްތައް ބޭއްވުމާއި ޕްރޮމޯޝަނަލް އެކްޓިވިޓީތައް ހިންގުން ފަދަ ކަންކަމުގައި ބައިވެރިވުމަށް އައްޑޫސިޓީ ކައުންސިލުން ޝައުގުވެރިކަން ފާޅުކޮށް އެމް.އައި.ޓީ.ޑީ.ސީ އަށް ވަނީ މީގެކުރިން ލިޔުމުން ދަންނަވާފައެވެ. 

އައްޑޫސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢު  ކުރިއަށް ގެންދެވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ނިންމަވާފައިވަނީ އައްޑޫސިޓީގެ ހިތަދޫ، ފޭދޫ، މީދޫ، ހުޅުދޫ އަދި ހިކަހެރަ ގައެވެ.

ރާއްޖޭގެ ދެކުނުގެ ޓޫރިޒަމް ފުޅާކޮށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން އައްޑޫގައި ފަސްދޮޅަހަށް ވުރެ ގިނަ ގެސްޓްހައުސް އެޅުމަށް ވަނީ ރޭވިފައެވެ. މި ޕްރޮޖެކްޓް އިފްތިތާޙް ކުރުމުގެ ގޮތުން މިއަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހު ވަނީ އައްޑޫ އިންވެސްޓަރސް ފޯރަމް ގެ ނަމުގައި ފޯރަމެއް ބާއްވާފައެވެ.