އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ބައިވެރިންނަށް އޮރިއެންޓޭޝަން ބާއްވައިފި

23 ސެޕްޓެމްބަރ 2017     6 years ago


ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ ބައިވެރިންނަށް އޮރިއެންޓޭޝަން ބާއްވައިފި

އައްޑޫސިޓީ ކައުންސިލް އިދާރާއާއި ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓް ގުޅިގެން، އައްޑޫސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހިންގާ ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ބައިވެރިވާ މުވައްޒަފުންނަށް މިއަދު އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވައިފިއެވެ. މިއޮރިއެންޓޭޝަން ޕްރޮގްރާމުގައި ބައިވެރިންނަށް ކޯހާއި ބެހޭ މަޢުލޫމާތު އެރުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

ކައުންސިލުން ފަށާ މިކޯހުގައި 20 މުވައްޒަފަކު ބައިވެރިވެއެވެ. މިއީ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިކޮށް އެމުވައްޒަފުންގެ ކުރިއެރުމަށް ކައުންސިލުން ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.

ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގެ އިތުރުން ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ފެށުމަށްވެސް ކައުންސިލުން ވަނީ ތައްޔާރުވެފައެވެ. އަދި މިދެކޯހަށްވެސް ކިޔަވައިދޭނެ ލެކްޗަރަރ އިން ހޯދުމަށް ޢިއުލާންވެވި އެއަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ލެކްޗަރަރ އިން ހޮވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

1 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ މިޑިޕްލޮމާ ކޯހުގެ އޮރިއެންޓޭޝަން ޕްރޮގަރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢަލީ ޝަމީމް ވަނީ ސިވިލް ސަރވިސްއިން މުވައްޒަފުންގެ ތަޢުލީމާއި ކުރިއެރުމަށް ކުރައްވާ ގިނަގުނަ މަސައްކަތްތަކަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. ޑރ. ޢލީ ޝަމީމްގެ މިދަތުރުފުޅަކީ އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަހަރީ ބައްދަލުވުން ޝަރަފުވެރި ކޮށްދެއްވުމަށް ކައުންސިލުން އެދިލެއްވި އެދިލެއްވުމަކަށް އައްޑޫއަށް ކުރައްވާ ޒިޔާރަތެކެވެ.

ކައުންސިލް މުވައްޒަފުންގެ އަހަރީ ބައްދަލުވަމުކީ ކޮންމެ އަހަރަކުވެސް ކައުންސިލްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރި މާޙައުލެއް ޤާއިން ކުރުމުގެ ގޮތުން ބޭއްވޭ ޙަފްލާއެކެވެ. މިއަހަރުގެ ޙަފްލާގައިވެސް ގިނަ ހަރަކާތްތަކެއް ހުށަހެޅިގެން ގޮސްފައިވެއެވެ. އަދި އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ގުރުއަތުން ހޮވުނު އެއް މުވައްޒަފަކަށް ޢުމްރާ ދަތުރެއްވަނީ ހަދިޔާކޮށްފައެވެ. މިޢުމްރާ ދަތުރަކީ އަސްކޮއި ޙައްޖު-ޢުމްރާ މޯލްޑިވްސްގެ ހެޔޮއެދުންތަކާއެކު ހަމަޖެހިގެންދިޔަ ޢުމްރާ ދަތުރެކެވެ.