އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕެއް އުފައްދަނީ

25 ސެޕްޓެމްބަރ 2017     3 years ago


އައްޑޫސިޓީގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕެއް އުފައްދަނީ

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިސްނެންގެވުމުގެ މަތިން މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އައްޑޫގެ މުއައްސަސާތައް ޝާމިލުވާގޮތަށް، "ކޮމިއުނިޓީ ސޯޝަލް ގްރޫޕް" ގެ ނަމުގައި ގްރޫޕެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދެއެވެ.

މިކަން ހާމަކުރެއްވީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޔުނިސެފްގެ ފަރާތުން އިއްޔެ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިގްރޫޕަކީ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ރައްޔިތުންނަށް ގާތުން ދިނުމަށްޓަކައި ރަށުގައި ޙަރަކާތްތެރިވާ މުޢައްސަސާތަކާއި ގުޅިގެން މުޖުތަމަޢުގައި ދިމާވާ އިޖްތިމާޢީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމާއެކު، މުޖުތަމަޢުގެ އިޖުތިމާޢީ ހާލަތު ދެނަގަނެ، ކުޑަކުދިންނާއި، އަންހެނުން، ދޮށީ އުމުރުގެ މީހުން އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމާއި އެފަރާތްތަކުގެ ހައްޤަށް އެއްވެސް އުނި ކަމެއް ލިބޭނަމަ ވީއެންމެ އަވަހަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އުފެއްދެވި ގްރޫޕެކެވެ.

"ވަރަށް ގިނަ ފަހަރަށް ސްކޫލުތަކުގައި މައްސަލައެއް ކުރިމަތިވެއްޖެނަމަ މިހުށެހެޅެނީ ޕޮލިހަށް. އޭގެ ސަބަބުން ސްކޫލަށާއި ޓީޗަރުންނަށްވެސް ނޭދެވޭ އަސަރުކުރޭ"، ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހުސައިން ރަޝީދު މޫސާ ވިދާޅުވިއެވެ. "ކޮމިއުނިޓީ ސޯޝަލް ގްރޫޕެއް އުފެދުމުން މުޖުތަމަޢުގައި ދިމާވާ މައްސަލަ ބަލާނީ އެގުރޫޕުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރުމަށްފަހު އެމައްސަލައަކާއި ގުޅުންހުރި މުއައްސަސާއަކުން"

ކޮމިއުނިޓީ ސޯޝަލް ގްރޫޕް އުފައްދުމުގެ ގޮތުން އެގުރޫޕުގެ މެމްބަރުންގެ ގޮތުގައި ހިމެނޭ މުއައްސަސާތަކަށް މުޖުތަމަޢުގައި މަސައްކަތް ކުރުމަށް ބޭނުންވާނެ ހުނަރާއި، ޤާބިލުކަށް އިތުރުކުރުމުގެ ގޮތުން 2 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މިއަދު ފެށިގެންދާނެއެވެ. މިތަމްރީނު ޕްރޮގްރާމުގައި އައްޑޫގެ ސްކޫލުތަކާއި، ހެލްތުންނާއި، ޕޮލިސް އަދި ކައުންސިލުން ބައިވެރިވެވަޑައިގަންނަވައެވެ.