އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑެންގީއާއި ގުޅޭ ސާވޭއެއް އައްޑޫގައި ފަށަނީ

5 އޮކްޓޯބަރ 2017     3 years ago


ޑެންގީއާއި ގުޅޭ ސާވޭއެއް އައްޑޫގައި ފަށަނީ

އައްޑޫސިޓީގައި ޑެންގީއާއިގުޅޭ ނޮލެޖް، އެޓިޓިއުޑް އެންޑް ޕްރެކްޓިސެސް (ކެޕް) ސާވޭއެއް ކުރުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ކުރިއަށް އެބަގެންދެއެވެ.

ކައުންސިލާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މިސާވޭއަކީ ޑެންގީއާއި ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަންހުރި މިންވަރު ދަނެގަތުމަށާއި، ޑެންގީއާއިމެދު މީހުން ދެކޭގޮތް ހޯދައި ޑެންގީއިން ސަލާމަތްވުމަށް މިހާރު ގެންގުޅޭ އާދަކާދަ ބަލައި ދަނެގަތުމަށް ހިންގާ ސާވޭއެކެވެ.

އައްޑޫސިޓީގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާ މިސާވޭ މިމަހުގެ 16 ވަނަ ދުވަހާހަމައަށް ކުރިއަށްދާނެއެވެ. މިމުއްދަތުގައި 352 ފަރާތަކާ ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑެންގީއަކީ ނުރައްކާތެރި ބައްޔެއްކަން އެނގިތިބެނަމަވެސް ގިނަ ފަހަރަށް ޑެންގީއިން ސަލާމަތްވުމަށް ގެންގުޅެންޖެހޭ ރަނގަޅު އާދަކާދަތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަން ނުވާކަމީ ފާހަގަ ކުރެވޭ ކަމެކެވެ. މިދުވަސްވަރަކީ ވިއްސާރަމޫސުމުގެ ދުވަސްތައް ކަމުން ވާރޭވެހި ފެން ހަރުލާފައި ހުންނަ ތަންތަން ހޯދައި ފެން ހިންދުމަކީ މަދިރިފަނި އާލާވިޔަ ނުދިނުމަށާއި ޑެންގީއިން ރައްކާތެރިވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.